އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ދިރިއުޅުމުގައި އެހެންމީހުންގެ އިޙްތިރާމާއި ލޯބި ހޯދައި މުޖްތަމަޢުގައި ނަންހިފޭ ޝަހުސިއްޔަތަކަށް ވުމަށް ބޭނުންވެއެވެ. އެގޮތުން މީހުންގެ މެދުގައި މަޤްބޫލު މީހަކަށް ވުމަށްޓަކައި “އިންފްލޫއެންސް” ނުވަތަ ޕޮޒިޓިވް ނުފޫޒު މުހިއްމު ރޯލެއްއަދާކުރެއެވެ.
އަޅުގަނޑު ތިރީގައި މިހިމަނާލަނީ އެންމެ މޮޅު އެއް ލިޔުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާޤުވާ ޑޭލް ކާނޭގީ 1936 ގައި ޝާއިއުކޮށްފައިވާ “ހައު ޓު ވިން ފްރެންޑްސް އެންޑް އިންފްލޫއެންސް ޕީޕަލް“ އިން ލިބުނު ބައެއް ފިލާވަޅުތަކެކެވެ.
‘ރަހުމަތްތެރިން ހޯދުމުގެ ފަންނީ މާހިރު’ ގެ ނަމުން މަޝްހޫރު ޑޭލް ކާނޭގީ (1888 – 1955) އަކީ ވިޔަފާރީގެ ހުނަރާއި އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި ދިރިއުޅުމުގެ ހިކުމަތްތެރި އުކުޅުތައް ކިޔައިދިނުމުގައި އުމުރު ހޭދަކޮށްފައިވާ ޢިލްމުވެރިއެކެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ފޮތް ކަމުގައިވާ “ހައު ޓު ވިން ފްރެންޑްސް އެންޑް އިންފްލޫއެންސް ޕީޕަލް” – އަށް 90 އަހަރު ވެގެންދާއިރު މިއަދުވެސް ފޮތުގެ ކޮޕީތައް އެތަކެއް މިލިއަނުން ދަނީ ވިކެމުންނެވެ. އަދި ފޮތުގެ އަޞާސްތައް ތައުލީމީ މުއައްސަސާތަކުންނާއި ޔުނިވަރސިޓީ ކޮލެޖްތަކުން އެބައިމީހުންގެ ކޮންމެ ދުވަހެއްގެ ކިޔަވައިދިނުމުގައި ބޭނުންކުރަމުންގެންދެއެވެ.
މި އާދަޔާ ޚިލާފުފޮތުގައި އެކުލެވޭ އިންގިލާބީ ފިލާވަޅުތައް ކިޔާލާ، ތިބާގެ ދިރިއުޅުން އުޖާލާ ކޮށްލުމަށާއި އަދި އަންނަން އޮތް ޙަޔާތަށް ނަފްސު މުއްސަނދިކޮށްލުމަށް އަޅުގަނޑު ދައުވަތުއަރުވަމެވެ.
ހިނިތުންވެލަން އަބަދުވެސް ހަނދާން ކުރާށެވެ.
ޑޭލް ކާނޭގީ ފާހަގަކުރައްވާ ގޮތުގައި ހިނިތުންވުމަކީ ގާތްގަނޑަކަށް ހަމަ ކޮންމެ މީހެއްގެ ހިތް ވެސް ކާމިޔާބު ކުރެވޭނެ ކަމެކެވެ. އަޅުގަނޑުމެން ހިނިތުންވެލާއިރު، ގިނަ ފަހަރަށް ބަދަލުގައި ހިނިތުންވުން ލިބޭ ސަބަބަކީ އެހެން މީހުންނަށް އަޅުގަނޑުމެންނަކީ އެކުވެރި އަދި ގާތް ބައެއްކަމުގެ އިޙްސާސް ވާތީއެވެ. އިޚްލާޞްތެރި ހިނިތުންވުމަކީ އެހެން މީހުންގެ އިތުބާރު ހޯދުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެއީ، އޭގެ ޒާތުގައި، ޕޮޒިޓިވް ނުފޫޒް އުފެއްދުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ.
“އަޅުގަނޑު މިދައްކަނީ ހަގީގީ ހިނިތުންވުމެއް، ހިތްގައިމު ހިނިތުންވުމެއް، އެތެރެއިން އަންނަ ހިނިތުންވުމެއް، ބާޒާރުގައި ރަނގަޅު އަގެއް ގެނެސްދޭނެ ކަހަލަ ހިނިތުންވުމެއްގެ ވާހަކައެވެ.” — ޑޭލް ކާނޭގީ
ވާހަކަ ދެއްކުމުގައި މީހުންގެ ނަން ބޭނުންކުރާށެވެ.
އެހެން މީހުންނާ ވާހަކަ ދައްކާއިރު އިތުބާރާއި އިޙްތިރާމްގެ އިޙްސާސް އުފެއްދުމަށް އެހީތެރިވެދޭ އަނެއް މުހިންމު ބަޔަކީ، ވާހަކަ ދައްކާއިރު އަނެއް މީހާގެ ނަން ބޭނުން ކުރުމެވެ.
ސިފަކޮށްލަމާތޯއެވެ. ގިނަ ބަޔަކު ވާހަކަ ދެއްކުމުގައި ޣަރަޤުވެފައި ތިބި ކޮޓަރިއެއްގައި ކުއްލިއަކަށް ކޮޓަރީގެ އަނެއް ފަރާތުން ތިބާގެ ނަން ފަނޑުކޮށް ގޮވާލާތީ އަޑުއިވިއްޖެއެވެ. ތިބާގެ ސަމާލުކަން ވަގުތުން އެ ބަދަލުވީ ދެންމެ އިވުނު ތިބާގެ ނަންކަމަށް ހީވާ އަޑަށެވެ. މިހެން މިކަންވާ ސަބަބަކީ ތިބާގެ ނަމަކީ ތިބާގެ “ކޯލިންގ-ކާޑު” ކަމުގައިވާތީއެވެ.
އެހެން ގޮތަކަށް ބުނަނީނަމަ މީހާގެ ނަމަކީ ސަމާލުކަން ހޯދުމަށް ބޭނުންކުރާ އުކުޅެކެވެ. ޑޭލް ކާނޭގީ ފާހަގަކުރައްވާ ގޮތުގައި މީހުންނާއި މުޢާމަލާތްކުރުމުގައި އަބަދުވެސް އަނެއް މީހާގެ ނަން ބޭނުންކުރުމަކީ ކޮންމެހެންވެސް މުހިއްމުކަމެކެވެ.
“މީހެއްގެ ނަމަކީ އޭނާގެ ކުރިމަތީގައި އެންމެ ހިތްގައިމު އަދި އެންމެ މުހިއްމު އަޑުކަން ހަނދާން ކުރާށެވެ.” — ޑޭލް ކާނޭގީ
އެހެން މީހުންނަށް އިޚްލާސްތެރި ޝައުޤެއް
ބަހައްޓާށެވެ.
ވާހަކަ ދައްކާިއރު ގިނައިން އަޑުއަހައި ސުވާލު ކުރާ މީހާ ވާހަކަ ކޮންޓްރޯލް ކުރާ ކަމަށް ބުނެވެއެވެ. ޑޭލް ކާނޭގީ ފާހަގަކުރައްވާ ގޮތުގައި ވީހާވެސް ބޮޑަށް އަޑުއަހާ، ސުވާލުކޮށް، އަނެއް މީހާ ގިނައިން ވާހަކަދައްކަން ފުރުޞަތުދިނުމުން، ކުރު މުއްދަތެއްގެ ތެރޭގައި އެމީހުންގެ އިތުބާރާއި އިހުތިރާމް ތިބާއަށް ލިބޭނެއެވެ.
އަދި “އަޑުއެހުމުގެ ތަޅުދަނޑި” އުފެދެނީ އެހެން މީހުންގެ ދިރިއުޅުމަށް އަޅުގަނޑުމެންގެ ހަޤީޤީ ޝައުގުވެރިކަން ދެއްކުމުން ކަމަށް ވެސް ޑޭލް ކާނޭގީ ފާހަގަކުރެ އެވެ. ހަޤީޤީ އިޚްލާސްތެރިކަމެއް ހުރުން މުހިންމުވާ ސަބަބަކީ ވާހަކަ ދައްކާއިރު އިޚްލާޞްތެރި ނޫން މީހެއްގެ ގޮތުގައި އަނެކާއަށް ތިބާ ފެނިއްޖެނަމަ، އެމީހުންގެ ކުރިމަތީގައި ތިބާއަށް އޮތް އިޙްތިރާމް ގެއްލިގެންދާނެތީއެވެ.
“އަޅުގަނޑަށް އަމިއްލަ ތަޖުރިބާއިން ހޯދިފައިވާ ގޮތުގައި، މީހުންގެ ސަމާލުކަމާއި ވަގުތާއި އެއްބާރުލުން ހޯދޭނީ، އެމީހުންނަށް ހަޤީޤީ އިޚްލާސްތެރިގޮތެއްގައި ޝައުގުވެރިވެގެންނެވެ.” — ޑޭލް ކާނޭގީ
ހުރިހާ ހާލަތެއްގައިވެސް ޖަދަލުކުރުމާއި ޒުވާބުން ދުރުވާށެވެ.
ބުނެއުޅެއެވެ. ބުއްދިވެރިޔާ ދުވަހަކުވެސް ޒުވާބަކުން ބައްޔެއްނުކުރެވޭނެއެވެ. ސަބަބަކީ ވާހަކައިގެ އަސަރު ޒުވާބަކަށް ދާންއުޅޭނަމަ ބުއްދިވެރިޔާ އިޚްތިޔާރު ކުރަނީ ޒުވާބުކުރުމުގެ ބަދަލުގައި ދެމީހުންގެ ވާހަކައިން އެއްގޮތް ނުވަތަ އެއްބަސްވެވޭ ކޮމޮން ގްރައުންޑެއް ހޯދުމެވެ.
މީގެ ނަތީޖާވެސް ވަރަށް ފޮންޏެވެ. އަނެއް މީހާ ދައްކޮށްނުލީތީ ނުވަތަ ނިކަމެތިކޮށްނުލީތީ އޭނާގެ ލޯތްބާއި، އެކުވެރިކަން އަދި ހެޔޮދުއާ ބުއްދިވެރިޔާއަށް ލިބެއެވެ. އަދި ބޭކާރު ޒުވާބަކުން ބުއްދިވެރިޔާ ރައްކާތެރިކޮށްދެއެވެ.
ޒުވާބަކުން ހެޔޮގުޅުމެއް އުފެދިދާނެކަމަށް އުންމީދުކުރުމަކީ މޮޔަ ވިސްނުމެކެވެ.
ޒުވާބެއް ކުރުމަށް ފަހު އެކަކު އަނެކަކަށް މާފުކުރިކަމުގައިވިޔަސް ދެފަރާތުގައި މެދުގައި ކޮންމެވެސް ވަރެއްގެ ނަފްރަތާއި ޓެންޝަން އުފެދިފައިވާނެއެވެ.ޖަދަލުކުރުމާއި ޒުވާބު ބަދަލުކުރުމަކީ ނިމުމެއް ނެތް ކަމެކެވެ. ބަލިކަށި މީހަކީ ޒުވާބުކުރުން އިޚްތިޔާރުކުރާ މިހާއެވެ. ބުއްދިވެރިޔަކީ ޒުވާބުކުރުމުން އެއްކިބާވާން ދަންނަމީހާއެވެ.
“އަހަރެންގެ އިދިކޮޅު ފަރާތްތައް އެދައްކަނީ ރަނގަޅު ވާހަކަކަމުގައި ވެދާނެބާއެވެ؟ އެމީހުންގެ އެދައްކާ ވާހަކައިގައި ހުއްޖަތެއް ނުވަތަ ޙަޤީޤަތެއް އޮވެދާނެ ބާއެވެ؟ އަހަރެންގެ ރިއެކްޝަނަކީ މައްސަލައަށް ލުއި ލިބޭނެ ރިއެކްޝަނެއްބާ ނުވަތަ (ރައްދުދީގެން) ހަމައެކަނި ވަގުތީ ހިތްހަމަޖެހުމެއް ލިބޭނެ ކަމެއްބާއެވެ؟ އަހަރެންގެ ރިއެކްޝަން އަހަރެންގެ އިދިކޮޅު ފަރާތްތައް އިތުރަށް ދުރަށް ގެންދާނެ ބާއެވެ؟ ނުވަތަ އަހަރެންނާ ގާތަށް ގެނެވޭނެބާއެވެ؟” — ޑޭލް ކާނޭގީ
އަނެއް މީހާގެ ނަޒަރުން ކަންކަން ބަލަންފަށާށެވެ.
ގިނަފަހަރު އަޅުގަނޑުމެންގެ އަމިއްލަ ޚިޔާލުތަކާއި، ވިސްނުންތަކާއި، ނަޒަރިއްޔާތުގެ ތެރެއަށް މާބޮޑަށް ޣަރަޤުވުމުން، އަމިއްލަ ވިސްނުމުގެ އުނިކަން ނަފްސަށް ފޮރުވޭގޮތްވެއެވެ. އަޅުގަނޑުމެންގެ އަމިއްލަ ވިސްނުމުގެ މައްޗަށް އެކަނި ބިނާކޮށް އަނެއް މިހާގެ ވާހަކަތައް ޖަޖްކޮށްލެވެއެވެ. ނަތީޖާއަކަށް ވެގެންދަނީ އަނެކާ ދެއްކި ވާހަކަ އެންމެ ސާފުކޮށް ނޭނގުމެވެ.
މި މަޅިން ސަލާމަތްވުމަށްޓަކައި، އަޅުގަނޑުމެން ކަންކަން ބަލަން ފަށަން ޖެހޭނީ އަނެއް މީހާގެ ނަޒަރުންނެވެ. އެމީހުންގެ ‘ފައިވާނަށް’ އަރައި އަދި އެމީހުންގެ ނަޒަރިއްޔާތުން ވިސްނަން މަސައްކަތްކުރަންޖެހެއެވެ. އޭރުން ކަތި ބަހަކުން ނުވަތަ ގޯސް އަމަލަކުން ސަލާމަތްވެވި ތިބާގެ މަޤުބޫލްކަން އަނެކާގެ ކުރިމަތީގައި އިތުރުވެގެންދާނެއެވެ.
“ތިމާ އެންމެ ގަޔާވާ ކަމެއް ކުރުމަށް ކުރުމަށްމީހަކު ކައިރީ އެދުމުގެ ކުރިން، މަޑުކޮށްލާފައި ލޯ މަރާލައިގެން އަނެއް މީހާގެ ނަޒަރުން ވިސްނަން މަސައްކަތްކޮށްލަބަލާށެވެ. އަދި އަމިއްލަ ނަފްސާއި ސުވާލު ކޮށްލަބަލާށެވެ. ‘އޭނާ ތިބާ ތި އެދޭ ކަންކަން ހަމަ ހަޤީޤަތުގައިވެސް ކުރަންޖެހޭ ހެއްޔެވެ؟’ “— ޑޭލް ކާނޭގީ
ތިބާގެ ވިސްނުން ގޯސްނަމަ އެކަން ޤަބޫލުކުރާށެވެ.
ޑޭލް ކާނޭގީ ފާހަގަކުރައްވާ ގޮތުގައި ތިބާގެ އަމަލެއް ނުވަތަ ބުނެވުނު ވާހަކައެއް ގޯސްކަމުގައި ފާހަގަވެއްޖެނަމަ އަވަހަށް އެގޯސް ޤަބޫލުކުރުމުން ތިބާގެ ކޮޅަށް މަންޒަރު އަނބުރާލެވޭނެއެވެ.
ތިމާ ގޯސްކަން އެނގޭނަމަ، އަދި ކޮންމެ ގޮތެއްވިޔަސް އެކަމުގެ ފާޑުކިޔުން އަމާޒުވާނެ ނަމަ، އަނެއް މީހާ ފާޑުކިއުމުގެ ކުރިން އަމިއްލައަށް ކުށް ޤަބޫލުކޮށް ނަފްސަށް ފާޑުކިޔާލުން ބުއްދިވެރިނޫންތޯއެވެ؟ އޭރުން ތިބާއަށް ކުރާ އިޙްތިރާމް އިތުރުވާނެއެވެ. އަދި އިސާހިތަކު އެހެން މީހުން ތިބާ ދިފާއުކުރާތަން ފެނިގެންދިއުންވެސް އެކަށީގެންވެއެވެ.
ހެދޭ ގޯސް ދިފާއުކުރަން މަސައްކަތްކުރާނީ މޮޔައިންނެވެ. އޭގެ ބަދަލުގައި ގޯސްތައް ގަބޫލުކުރުމަކީ މީހާގެ ހަރުދަނާކަން ދައްކުވައިދީ އަދި ތިބާގެ ދަރަޖަ އެހެން މީހުންނަށް ވުރެ މަތިކޮށްދޭނޭކަމެކެވެ. ކާނޭގީ ވިދާޅުވާ ގޮތުގައި ގޯސްތައް ގަބޫލުކުރުމުގެ ހިތްވަރު ހުރުމުން އަމިއްލަ ނަފްސަށްވެސް ހިތްހަމަޖެހުން ލިއްބައިދެއެވެ.
ތިބާގެ މަޤްބޫލްކަން އިތުރުކޮށް މީހުންގެ ހިތްތައް ފަތަހަކުރަން އެދޭ މީހާ ގޯހެއް ހެދުމުން އިންކާރުކޮށް ބަހަނާ ދެއްކުމުގެ ބަދަލުގައި ހިތްތިރިކަމާއި ހާމަކަން ބޮޑުގޮތެއްގައި މަޢާފަށް އެދޭށެވެ.
“ތިބާއަށް ބުނެވުނީ ނުވަތަ ޢަމަލު ކުރެވުނީ ގޯސްކޮށްކަމުގައިނަމަ، އިޚްލާސްތެރިކަމާއެކު ވީ އެންމެ އަވަހަކަށް މަޢާފަށް އެދޭށެވެ.“— ޑޭލް ކާނޭގީ
3 Comments
Excellent. Keep going brother.
Salaam
Varah furihama Maadhin ge masahkathu gai barak aaiy lavvaashi Aameen
I don't think I entirely agree on this. There are people who are introvert and extrovert in nature. I think the points you have mentioned, or Dale Kageyne has mentioned, applies to only people who are in the group of extroverts, while the other group is naturally shy even to speak and avoid people at any cost if necessary. However, that doesn't necessarily mean they are not 'popular'.