އަޅުގަނޑު މިލިޔުން ޚާއްޞަކޮށްލަނީ ކެޕްޓަން އިބްރާހިމް ރަޝީދުގެ ލޮބުވެތި ދައްތައިން ކަމުގައިވާ މ.މުލައް ކީރަންމާގެ ސަކީނާ އަލީ (ތިއްތައްތަ) އަދި މ.މުލައް މުދިންގޭ ފާއިޒާ ހުސައިން (ތިއްތިމަންމަ) އަށެވެ.
ކެޕްޓަން އިބްރާހިމް ރަޝީދު (64) އަކީ، ދިވެހިރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ވަރުގަދަ ތަނބެކެވެ. ސަބަބު ވަރަށްވެސް ސާފެވެ. ކެޕްޓަން ރަޝީދަކީ ކޮމާޝަލް ޕައިލެޓް ލައިސެންސް ހޯދި އެންމެ ފުރަތަމަ ދިވެއްސެވެ. ކެޕްޓަނެއްގެ ގޮތުގައި ޚިދުމަތްކުރާތާ 39 އަހަރު ވެފައިވާއިރު އޭނާ ވަނީ އެއާ މޯލްޑިވްސް އާއި އެމްއެންޑީއެފްގެ ޕައިލެޓްގެ މަޤާމް ގިނައަހަރުތަކެއް ވަންދެން ފުރުއްވާފައެވެ. އަދި ދިވެހިރާއްޖެއަށް ޕައިލެޓް ކަމުގެ ޕްރޮފެޝަން ހުޅުވާލަދެއްވާ އަދި ފުޅާކޮށްދެއްވުމަށް އަމަލީ ގޮތުން ކެޕްޓަން ރަޝީދު ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ސަރުކާރުގެ ޚަރަދުގައި ގިނަ ކުދީންތަކެއް ޕައިލެޓްކަމުގެ ތަމްރީން ފުރިހަމަކޮށް ދާއިރާއަށް ނުކުމެފައިވެއެވެ. އަދި ސްރީލަންކާ ފަދަ ބޭރުގެ ޤައުމުތަކުން އެގައުމުތަކުގެ އޭވިއޭޝަން ދާއިރާ ހަރުދަނާ ކުރުމަށް ކެޕްޓަން ރަޝީދު ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކޮށް އަގުވަޒަންކޮށްފައިވެއެވެ.
މިއާޓިކަލްގައި އަޅުގަނޑު ލިޔުމަށް ގަސްދުކުރަނީ ކެޕްޓަން ރަޝީދުގެ ޅައިރުގެ ދުވަސްތަކާއި، ޕައިލެޓަކަށް ވުމަށް ކުރި މަސައްކަތް ކާމިޔާބު ވީގޮތުގެ އާދަޔާޚިލާފު ގޮތުގެ ވާހަކައެވެ. ލިޔުމަށް މައުލޫމާތު ހޯދުމުގައި އަޅުގަނޑު ވާނީ އޭވިއޭޝަންއެމްވީ އަދި އައިލެންޑްޗީފް ގައި ކެޕްޓަން ރަޝީދާއި ބެހޭގޮތުން ޝާއިއުކުރެވިފައިވާ ލިޔުން އަސްލަކަށް ބިނާކޮށްފައެވެ.
ކުޑައިރުގެ ދުވަސްވަރާއި މާލެ ހިޖުރަކުރުން:
ކެޕްޓަން ރަޝީދު އުފަންވީ މ.މުލަކަށެވެ. ރަޝީދު ވަރަށް ތުއްތުއިރު ބައްޕަ (ފެހި ކަތީބު) އަވަހާރަވެއްޖެއެވެ. މަންމަ (ސައިލާ ދޮންތަ) އަކީ އެކަނިވެރި ޒުވާން މަންމައެއްކަމުން، އަދި ރަޝީދަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ރަޝީދުގެ ބޮޑުދައިތަ (މުދިންގޭ ކުޑަކަމަނަ) މާލެ ދޮންތަ ކައިވެނިކުރުވީ މާލޭގެ މަޝްހޫރު މާވަޑިއެއް ކަމަށްވާ ކަނޑޫދޫ ޒަކަރިއްޔާއާއެވެ. އޭގެފަހުން ރަޝީދު ދިރިއުޅުން ބަދަލުކުރީ މަންމައާއިއެކު މާލެއަށެވެ. އެހެނަސް ދިވެހިރާއްޖޭގެ އާންމު ހާލަތު އެންމެ ރަނގަޅު ނޫންކަމުން ރަޝީދުގެ އާއިލާ ވެސް ދިރިއުޅުމެންދިޔައީ އެންމެ ފުދޭ ބައެއްގެ ގޮތުގައެއް ނޫނެވެ.
ނަސީބު ރަނގަޅުކަމުން 1960 ގެ އަހަރުތަކާއި 1970 ގެ އަހަރުތަކުގެ ކުރީކޮޅު ރަޝީދަށް، ޕައިލެޓް ނައީމްގެ ނަމުން މަޝްހޫރު އަލްފާޟިލް މުޙައްމަދު ނަޢީމްގެ ގެއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ކޮންމެވެސް ވަރަކަށް ލިބުނެވެ. އެގޮތުން އެގޭގައި ހަރުކޮށްފާހުރި ފޮޓޯ ފްރޭމެއްގައި ނައީމް ކުޑަ ބޯޓެއްގެ ފިޔަގަނޑުގައި ލެނގިލައިގެން ހުންނަ މަންޒަރު ފެނެއެވެ. މި ތަސްވީރު އިސާހިތަކު ވެގެންދިޔައީ ރަޝީދުގެ ޝައުޤުވެރިކަން ވަރަށްބޮޑަށް ދަމައިގަތް ތަސްވީރަކަށެވެ. އަދި ޕައިލެޓަކަށް ވުމަށް ވަރަށްބޮޑަށް ހިތްޖެހިގެން ދިޔަ ކަމަކަށެވެ. ކަންދިމާވިގޮތުން ޕައިލެޓް ނައީމް އޭރު މަސައްކަތްކުރައްވަމުން ގެންދެވީވެސް ޕައިލެޓަކަށްވުމަށެވެ. މިކަމުން ކުޑަކުޑަ ރަޝީދު އިތުރަށް އިންސްޕަޔާ ވެވި ނިންމީ އޭނާގެ ހަޔާތުގައި ކުރަން ބޭނުންވަނީ ޕައިލެޓްކަންކަމުގައެވެ.
އެދުވަސްވަރު ޕައިލެޓަކަށް ވުމަކީ ވަރަށް ދަތި އުނދަގޫކަމެކެވެ. ފައިސާގެ ގޮތުން ކޮންމެވެސް ވަރަކަށް ތަނަވަސް މީހުންނަށްވެސް ކުރަން އިންތިހާއަށް އުނދަގޫކަމެވެ. ދިވެހީންގެ އޭރުގެ ދިރިއުޅުމުގެ މާލީ ހާލަތުން ގްރޭޑް 5 އަށް ވުރެ އިތުރަށް ކިޔެވުންވެސް ވެފައި ވަނީ ކުރަން ދަތިކަމަކަށެވެ. ރަޝީދުގެ އާއިލާއަކީވެސް މާ ތަނަވަސް އާއިލާއެއް ނޫންކަމުން ޕައިލެޓްގެ ހުވަފެން ހަޤީޤަތަކަށް ވުން ބެލެވިފައި އޮތީ ގާތްގަނޑަކަށް ނުވާނެކަމެއްގެގޮތުގައެވެ.
ކޮންމެއަކަސް ރަޝީދު ގްރޭޑް 5 ފުރިހަމަ ކުރުމުން، އޭނާގެ ދޮންބައްޕަ ޒަކަރިއްޔާ، ރަޝީދު ގޮވައިގެން އޭރުގެ ހެލްތު މިނިސްޓަރާ ބައްދަލުކުރެއްވިއެވެ. އަދި ކިޔަވައި ނިމުމުން ސިއްހީ ދާއިރާއިން ރަޝީދަށް ވަޒީފާއެއް ހަމަޖެހޭނެކަމުގެ ވާހަކަ މިނިސްޓަރ ވިދާޅުވިއެވެ.
ވަޒީފާއެއްގެ އުންމީދު ލިބުމުންވެސް ރަޝީދުގެ ޝައުގުވެރި ސިކުނޑި ދެންވެސް ވިސްނަމުން ދިޔައީ ޕައިލެޓަކަށް ވެވޭނެ ގޮތަކާއިމެދުގައެވެ. މިކަމަށް ހިތްޖެހިފައި ހުރިލެއް ބޮޑުކަމުން އޭރުގެ ރައީސް އިބްރާހިމް ނާސިރަށް ސިޓީއެއް ލިޔުއްވައި، ޕައިލެޓަކަށް ވުމުގެ އުއްމީދުތަކާއި އެދުން ފާޅުކުރެއްވިއެވެ. ސިޓީގެ ޖަވާބެއްގެ ގޮތުން ރައީސް ނާސިރު އެމަނިކުފާނުގެ އޮފީހަށް ރަޝީދަށް ދައުވަތު ދެއްވައި ގެންނެވިއެވެ. އަދި އެދިވަޑައިގަތީ ރަޝީދު އިހައް ކިޔަވައި ނިންމުމަށެވެ.
ރައީސް ނާސިރުގެ އަރިހުން ކަށަވަރު ޖަވާބެއް ނުލިބުނު ކަމުގައިވިޔަސް ރައީސްގެ ވާހަކަފުޅުން ތައުލީމު ކުރިއަށް ގެންދިއުމަށް އިތުރު ހިތްވަރެއް ލިބުނެވެ. އެގޮތުން ކޮންމެ އަހަރެއްގެވެސް ކިޔެވުން ނިމުމުން ރަޝީދު ދިޔައީ، އަހަރުގެ ނަތީޖާއާއެކު، ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމުން ފޮނުވަމުންނެވެ.
އޯލެވެލް ހެދުން އެހާ އާންމު ނޫން ދުވަސްވަރެއްގައި ރަޝީދު އޯލެވެލް ފުރިހަމަކުރީ ރަންވަނަ ތަކާއިއެކުގައެވެ. އޭގެ ދުވަސްކޮޅެއްގެ ފަހުން މަޖީދިއްޔާ އާއި އަމީނިއްޔާ ސްކޫލުގައި ގްރޭޑް 11 އަދި 12 ތައާރަފްކުރެވި، ގްރޭޑް 11 ގައި ދަރިވަރެއްގެ ގޮތުގައި ރަޝީދުގެ ނަން ހިމެނިގެންދިޔައެވެ. މިއާއެކު ތަފާތުކަމެއްވެސް ރައީސް ނާސިރު ކުރެއްވިއެވެ. އަލަށް ތައާރަފްކުރި 11 ވަނަ ގްރޭޑްގެ ޖުމުލަ 15 ދަރިވަރުންނަށް އެ ދަރިވަރުން ކުރިއަށްދާން އިސްކަންދޭ ދާއިރާ ހުށައެޅުމުގެ ފުރުސަތު ރައީސް އޮފީހުން ދިނެވެ. އެގޮތުން ރައީސް އޮފީހުން އެ ދަރިވަރުންނަށް އަންގާފައިވަނީ ދަރިވަރުން ބޭނުންވާ ދާއިރާތަކުން ސްކޮލަޝިޕް ހޯދައިދިނުމުގެ ވިސްނުންފުޅު ރައީސް ގެންގުޅުއްވާކަމަށެވެ. މިއާއިއެކު ރަޝީދަށް ޕައިލެޓް ޓްރެއިނިންގެ ސްކޮލަޝިޕަށް އެދުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެގެންދިޔައެވެ. އާދެ، ނަސީބު ރަޝީދުގެ އަތުގައި ހިފީއެވެ.
ޕައިލެޓް ސްކޮލަޝިޕް ލިބުން:
ބުރަ މަސައްކަތާއިއެކު އޭލެވެލްވެސް ރަޝީދު ފުރިހަމަކުރީ ފުރިހަމަ ކާމިޔާބީއާއެކުއެވެ. އަދި ނަތީޖާއެއްގެ ގޮތުން ރައީސް ވަޢުދުވެވަޑައިގެންނެވި ގޮތަށް އޭލެވެލް ފުރިހަމަކުރި ދަރިވަރުންނަށް އެދަރިވަރުން ބޭނުންވާ ދާއިރާތަކުން ދައުލަތުގެ ޚަރަދުގައި ސްކޮލަޝިޕް ދެއްވިއެވެ. ރަޝީދު ނުހަނު އެދިއެދި ހުރި ޕައިލެޓް ޓްރެއިނިންގ ލިބި ތަމްރީނު ފެށުމަށް ޕާކިސްތާނަށް ފުރިއެވެ.
އެހެންނަމަވެސް ރަޝީދަށް ދެން ކުރިމަތިވީ ބަދުނަސީބެކެވެ. ރަޝީދު ތަމްރީން ހާސިލްކުރަމުންދިޔަ ޕާކިސްތާން ގެ ސިޔާސީ ހާލަތު އޮތީ އޭރު ވަރަށް ގޯސްވެފައެވެ. ކިޔެވުމުގެ ވަކި ހިސާބަކުން ހަމަނުޖެހުންތައް އިންތިހާއަށް ބޮޑުވެ އެޤައުމުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ނުރައްކާވެދާނެކަމަށް ދިވެހި ސަރުކާރަށް ފެނުމުން ރައީސް މައުމޫންގެ އެންގެވުމަށް ދިވެހި އެންމެހާ ދަރިވަރުން އަނބުރާ ރާއްޖެއަށް ގެނެވުނެވެ. މީގެ ތެރޭގައި ރަޝީދުވެސް ހިމެނުނެވެ. ކިޔަވަން ފެށިތާ ދެއަހަރުގެ ތެރޭގައި ކިޔެވުން ދޫކޮށްލާފައި ރާއްޖެ އެނބުރި އަންނަން ޖެހުމުން ރަޝީދުވެސް ހުރީ ނިހާޔަތަށް ކަންބޮޑުވެފައެވެ. ރައީސް މައުމޫންގެ ސަރުކާރުން އަނބުރާ ރާއްޖެ ގެނައި ގިނަ ދަރިވަރުންނަށް އެހެން ޤައުމުތަކުން ކިޔެވުން ފުރިހަމަކުރުމުގެ ފުރުޞަތު ހޯދައިދިނެވެ. އެހެންނަމަވެސް ޕައިލެޓް ތަމްރީންތަކަކީ އެދުވަސްވަރު އެހާ މަޤުބޫލު ސްކޮލަޝިޕަކަށް ނުވާތީ ރަޝީދު ޕައިލެޓް ތަމްރީން ފުރިހަމަކުރަން ބޭރަށް ފޮނުވޭ ގޮތެއްނުވިއެވެ. އޭގެ ބަދަލުގައި ސަރުކާރުން ރަޝީދަށް ވަޒީފާއެއް ދެއްވިއެވެ. މިއާއިއެކު ޕައިލެޓަކަށްވުމުގެ ހުވަފެން ދެކެމުން އައި ރަޝީދަށް ޖެހުނީ އިތުރު އިންތިޒާރެއްކުރާށެވެ.
ރަޝީދުގެ ހުވަފެން ސީދާކުރުމަށް ދިމާވަމުން ދިޔަ ދަތިތަކާއި ހުރަސްތަކަށް ލުޔެއް ލިބިގެންދިޔައީ އޭރުގެ ފޮރިން މިނިސްޓަރ އޮނަރަބަލް ފަތުހުﷲ ޖަމީލް އާއި މަސައްކަތުގެ ތެރެއިން ބައްދަލުވެ ވާހަކަދެކެވުމުންނެވެ. ފަތުހުﷲ ޖަމީލް އަކީ ރަޝީދުގެ ސްކޫލް ދައުރުގެ އުސްތާޛެކެވެ. ރަޝީދުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މިނިސްޓަރ ސަރުކާރަށް ދަންނަވައިގެން ރަޝީދު ފޮރިން މިނިސްޓްރީ އަށް ބަދަލުކުރެއްވިއެވެ. އަދި އެންގެވީ ފޮރިން މިނިސްޓްރީގެ ވަސީލަތްތައް ބޭނުންކޮށްގެން ޕައިލެޓް ތަމްރީން ހޯދުމަށް ކުރާ މަސައްކަތް އިތުރު ގިޔަރަކާއިއެކު ފެށުމަށެވެ. މިއާއިއެކު ދިވެހިރާއްޖޭގެ ނަމުގައި ރަޝީދު ދުނިޔޭގެ ޤައުމުތަކަށް ސިޓީ ލިޔަން ފެށިއެވެ. ސިޓީތަކުގައި އެދިފައިވަނީ ޤައުމުގެ ތަރައްޤީއަށްޓަކައި ދިވެހި ރާއްޖެއަށް ޕައިލެޓް ޓްރެއިނިންގގެ ބޭނުން ބޮޑުވެފައިވާކަމުގައެވެ.
އެތައް ޤައުމަކަށް ފޮނުވި ސިޓީތަކަށް ފަހު އޮސްޓްރޭލިއާގެ ފަރާތުން ދިވެހިރާއްޖޭގެ އެދުމަށް އިޖާބަދީ ޕައިލެޓްގެ ދާއިރާއިން ދިވެހިރާއްޖެއަށް ތާރޑް ކަންޓްރީ ސްކޮލަޝިޕެއް އެވޯޑްކުރިއެވެ. މި ސްކޮލަޝިޕްގެ ދަށުން އިބްރާހީމް ރަޝީދާއި ދިވެހި އެހެން ފަރާތެއް ކަމަށްވާ ހުސައިން ޝާމް މެޑިކަލް ޓެސްޓްތަކަށްފަހު ޕައިލެޓް ތަމްރީނަށް ތައިލެންޑަށް ފުރިއެވެ.
ޕައިލެޓްކަން ލިބުން
ތައިލެންޑްގައި ފުރިހަމަކުރި ކާމިޔާބު ތަމްރީންތަކަށްފަހު ރަޝީދު ޕައިލެޓަކަށް ވެވަޑައިގަތެވެ. ކެޕްޓަން ރަޝީދާއި ކެޕްޓަން ޝާމް އެކުއެކީގައި ތަމްރީން ނިންމެވިއިރު ކެޕްޓަން ރަޝީދަށް އިތުރު އުފަލެއް ލިބިގެން ދިޔައީ ފުރަތަމަ ލައިސެންސް ލިބުނު ކެޕްޓަން، އާދެ ލައިސެންސް ނަންބަރު 001 ލިބިވަޑައިގަތުމުންނެވެ. މިއާއިއެކު ކެޕްޓަން ރަޝީދު ވެގެންދިޔައީ ދިވެހި ފަސްގަނޑަށް އުފަން އެންމެ ފުރަތަމަ ޕައިލެޓަށެވެ.
1983 ވަނަ އަހަރުގެ އޮގަސްޓް މަހު ޕައިލެޓެއްގެ ގޮތުގައި ކެޕްޓަން ރަޝީދު އެއާ މޯލްޑިވްސްގައި ކެރިއަރު ފެށްޓެވިއެވެ.
އޭގެ ތިން މަސްފަހުން 1983ވަނަ އަހަރުގެ ޑިސެމްބަރު މަހު ކެޕްޓަން ރަޝީދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ބަދަލުވާން ޖެހިވަޑައިގަތެވެ. އެގޮތުން ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ މަތިންދާބޯޓްތައް ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނާތީ، އަދި މަތިންދާބޯޓު އުދުއްސުމަށްޓަކައި ރަޝީދު ސިފައިންގެ ބޭކަލަކަށް ވާންޖެހުނެވެ. އެހެންކަމުން ސިފައިންގެ ބޭކަލުން ހައްދަވަންޖެހޭ އެންމެހާ ތަމްރީންތަކެއް ރާއްޖެއާއި ރާއްޖޭން ބޭރުގައި ފުރިހަމަކުރުމަށްފަހު ސިފައިންގެ ހުވާގައި ޕައިލެޓްކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފެއްޓެވިއެވެ.
ޕައިލެޓެއްގެ ގޮތުގައި 39 އަހަރު:
ކެޕްޓަން ރަޝީދުގެ 39 އަހަރުގެ ދިގު ކެރިއަރުގެ އުސްއަލިތަކަށް ބަލާލާއިރު އެއާ މޯލްޑިވްސްގެ އޮޕަރޭޝަނަލް ހެޑެއްގެ އިތުރުން ޓްރެއިނިން ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވެއެވެ. އަދި އައިލެންޑް އޭވިއޭޝަން އުފެދުނު ފަހުން އެ ކުންފުނީގެ ޓްރޭނިން ޕައިލެޓަކަށް ވެސް ވެވަޑައިގަތެވެ. އަދި ކެޕްޓަން ރަޝީދު ވަނީ ދިވެހިރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީގައި މިހާރު ލީޑަޝިޕްގެ މަގާމުތަކުގައި ތިބި ގިނަ އަދަދެއްގެ ޕައިލެޓުން ތަމްރީނުކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އޭނާގެ އަގުހުރި ޢިލްމާއި ތަޖުރިބާ ޙިއްސާކޮށް އޭވިއޭޝަން ދާއިރާގެ ގިނަ އަދަދެއްގެ ފަރާތްތަކަށް މެންޓޯ އެއްގެ ގޮތުގައި މިއަދުވެސް ހަރަކާތްތެރިވަމުން ގެންދަވައެވެ.
ލާންސް ކޯޕްރަލްގެ ރޭންކުގައި ފެއްޓެވި ސިފައިންގެ ހަޔާތުން ރިޓަޔަރ ކުރެއްވީ 22 އަހަރުގެ ދިގު ޚިދުމަތަށްފަހު ލެފްޓިނެންޓް ކާނަލްގެ ރޭންކުގައެވެ. އަދި އަދާކުރައްވަމުން ގެންދެވީ އޭރުގެ އެންމެ އިސް އެއް މަޤާމުކަމުގައިވާ ކަމުގައިވާ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސްގެ ޒިންމާދާރު މަޤާމެވެ.
މީގެ އިތުރުން ކެޕްޓަން ރަޝީދު ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ގައިވެސް 23 އަހަރުގެ މުއްދަތެއްގައި ސީނިއަރ މަޤާމުތަކުގައި މަސައްކަތްކުރައްވާފައެވެ.
ޖުމުލަކޮށް ބަލާއިރު ޕައިލެޓެއްގެ ގޮތުގައާއި ޕައިލެޓުން ތަމްރީންކުރުމުގައި ކެޕްޓަން ރަޝީދު ވަނީ 39 އަހަރުގެ ދިގު މުއްދަތެއް، ދިވެހި ޤައުމަށް ޚިދުމަތްކޮށްދެއްވާފައެވެ. އަދި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވިލާ އެއާގެ ލައިން ޕައިލެޓެއްގެ އިތުރުން އިންސްޓްރަކްޓަރ އެއްގެގޮތުގައެވެ.
ދިވެހިރާއްޖޭގެ ޕައިލެޓް ޕްރޮފެޝަންގެ މޭސްތިރިޔާ:
ޕައިލެޓަކަށް ވުމަށް ރަޝީދު ދަތުރު ފެށްޓެވިއިރު ދިވެހިރާއްޖޭގެ ބަސްފޮތުގައި “ޕައިލެޓް” މި ލަފުޒު ވެސް ނެތެވެ. އަދި ދިވެހިރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީގައި “ރަސްކަން” ކުރަމުން ދިޔައީ ބޭރުގެ ޕައިލެޓުންނެވެ. އެހެންކަމުން ކެޕްޓަނެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަދި ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޕައިލެޓްގެ ހައިސިއްޔަތުން ކެޕްޓަން ރަޝީދު ދެކޭ އުންމީދީ ހުވަފެނަކަށްވީ ދިވެހިރާއްޖޭގައި ޕައިލެޓްކަމުގެ ޕްރޮފެޝަން ފުޅާވެ ގިނަ ދިވެހި ޕައިލެޓުން ތަކެއް ޤައުމަށް ނެރެދިނުމެވެ. އެގޮތުން ޕައިލެޓް ތަމްރީން ދިނުމަށް ސްކޮލަޝިޕް ތަކާއި ތަމްރީނުގެ ފުރުޞަތު ހޯދުމަށްޓަކައި ޑިފެންސް މިނިސްޓްރީ އާއި އެއާ މޯލްޑިވްސްގައި އެކިފަހަރު މަތިން ދަންނަވައި ބައްދަލުވުންތައް ބޭއްވިއެވެ.
އޭގެ ނަތީޖާވެސް ވަރަށް ފޮންޏެވެ. ޑިފެންސް މިނިސްޓްރީން ވަނީ ދިވެހި ޕައިލެޓުންގެ ފުރަތަމަ ބެޗަށް ތަމްރީންވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ދެއްވާފައެވެ. އަދި ދެވަނަ ބެޗަށް ޚަރަދު ދެއްވާފައިވަނީ އެއާ މޯލްޑިވްސް އިންނެވެ. މިއީ ޒުވާން އުންމީދީ ޕައިލެޓުންނަށް މި ފުރުސަތު ހޯދައިދިނުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރެއްވި ކެޕްޓަން ރަޝީދަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
މި ޕައިލެޓުން މިއަދު އަންނަނީ ދިވެހިރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ. އަދި މީގެ ތެރެއިން ބައެއް ދިވެހި ޕައިލެޓުންނަކީ ބައިނަލްއަގްވާމީ ގޮތުން ވެސް ލީޑިން ޕައިލެޓުންނެވެ. ކެޕްޓަން ރަޝީދު ވިދާޅުވާގޮތުގައި އޭނާއަށް ލިބޭ އެންމެ ބޮޑު ފަޚުރަކީ މި ޕައިލެޓުން އެމީހުންގެ ކެރިއަރުގައި ވިދާލާތަން ފެންނާތީއެވެ.
ޝުކުރުވެރި ހިތަކުން ކެޕްޓަން ރަޝީދުގެ އިހްސާސްތައް:
ޕައިލެޓަކަށް ވުމުގެ ހުވަފެން ހާސިލް ކުރެވި، އަދި ދިވެހިރާއްޖޭގެ ފުރަތަމަ ޕައިލެޓަކަށް ވެވުމުން ކެޕްޓަން ރަޝީދުގެ އިހްސާސްތަކަކީ ކޮބައިތޯ އަހާލީމެވެ.
އަލްހަމްދުލިއްލާހި! ދެން ބުނަން އޮތީ ކޮން އެއްޗެއްތޯ؟ އަޅުގަނޑުގެ މައިންބަފައިންނަކީ އެހާ ފުދޭ ބައެއް ނޫން؛ ޚާއްސަކޮށް އަޅުގަނޑު ކަހަލަ ނިކަމެތި މީހަކަށް މިކަމަކީ (ޕައިލެޓްކަމަކީ) މުސްތަޙީލު ހުވަފެނެއް؛ (އަދި ކިއެއްތޯ)، އެޒަމާނުގައި ކޮންމެވެސް ވަރަކަށް ލިބޭ މުއްސަނދިންނަށް ނުވަތަ އެމީހުންގެ ދަރީންނަށްވެސް ޕައިލެޓް ޓްރެއިނިން ފަދަ އަގުބޮޑު ތައުލީމެއް ލިބޭނެ ކަމާމެދު އަޅުގަނޑު ޝައްކުކުރަން؛ ކަންމިހެން ހުރިއިރު އަޅުގަނޑުގެ މިހުވަފެން ސީދާވުމަކީ ﷲގެ ރަޙްމަތުން ކަމަށް ބުނުން ފިޔަވައި އިތުރަށް ބުނެވޭނެ އެއްޗެއް ނެތް
އާދެ! ކެޕްޓަން ރަޝީދަކީ ދިވެހި ފަސްގަނޑަށް އުފަން، އެންމެ ފުރަތަމަ ޕައިލެޓެވެ. އެމްއެންޑީއެފްގައި ޕައިލެޓްގެ ގޮތުގައި 22 އަހަރު ޚިދުމަތްކުރެއްވިއިރު, ސިފައިންގެއިން ރިޓަޔަރ ކުރެއްވީ ލެފްޓިނެންޓް ކާނަލްގެ ރޭންކުގައާއި އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ. އެއީ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގެ އެތައް ޕައިލެޓުންނަށް ތަމްރީނުދެއްވާ މަގުދައްކަވައިދެއްވި ޕައިލެޓެވެ. ސްރީލަންކާ ފަދަ ޤައުމުތަކުން އެޤައުމުތަކުގެ އޭވިއޭޝަނަށް ކޮށްދެއްވާފައިވާ ޚިދުމަތް ބަލައިގަނެ ކެޕްޓަން ރަޝީދުގެ އަގު ވަޒަންކޮށްފައިވެއެވެ.
މިދެންނެވި ހުރިހާ ކަމަކާއި، އަދި މި ޤައުމަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭ ޚިދުމަތްތަކާއިއެކުވެސް، އޭނާ އެ ފާހަގަކުރައްވަނީ މިބޮޑު ހުވަފެން ހާޞިލުކުރުމުގައި އޭނާގެ މޮޅުކަމެއް ނެތްކަމުގައެވެ. އަދި މުސްތަހީލްކަމެއްގެ ގޮތުގައި ވަނިކޮށް އެކަން ހަގީގަތަށް ހަދައިދިނީ މަތިވެރި މާތްﷲ ކަމުގައި ބުނަމުން ކެޕްޓަން ރަޝީދުގެ ހުރިހާ ހަމްދެއްމެ ހުރީ މަތިވެރި ހަޟްރަތަށެވެ.
ކެޕްޓަން ރަޝީދުގެ ބަސްކޮޅު އަޑު އަހާލުމުން އަޅުގަނޑުގެ ހަނދާނަށް އަންނަނީ ކީރިތި ޤުރުއާނުގެ ނަހުލު ސޫރަތުގެ 53 ވަނަ އާޔަތެވެ. މިއާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
“އަދި ތިޔަބައިމީހުންގެ ކިބައިގައިވާހާ ނިއުމަތެއްވަނީ ﷲ ގެ ހަޟްރަތުންނެވެ. ދެން ތިޔަބައިމީހުންނަށް ދަތި ހާލެއް ޖެހިއްޖެނަމަ، ފަހެ، ތިޔަބައިމީހުން ދުއާކޮށް ދަންނަވަނީ ހަމަ އެކަލާނގެ ހަޟްރަތަށެވެ.”
މި އާޔަތުގައި އަލިއަޅުވާލައްވަނީ ހުރިހާ ނިޢުމަތްތައް އަންނަނީ الله ގެ ޙަޟްރަތުން ކަމާއި، ދަތި ވަގުތުތަކުގައި އެކަލާނގެ ޙަޟްރަތަށް އެހީތެރިކަމާއި ހިދާޔަތަށް އެނބުރެން ޖެހޭކަމެވެ. އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުމާއި، ދިރިއުޅުމުގައި ގޮންޖެހުންތަކާ ކުރިމަތިލާއިރު الله ގެ އެހީތެރިކަން ހޯދުމުގެ ހަނދާން މިއާޔަތުން އާކޮށްދެއެވެ.
އަޅުގަނޑުމެންނަށް ލިބިފައިވާ ނިޢުމަތްތަކަކީ، މާލީ މުއްސަނދިކަމެއް ކަމުގައި ވިޔަސް، ޢިލްމެއް އަދި ހުނަރެއް ކަމުގައި ވިޔަސް، ނުވަތަ ބުރުސޫރައިގެ ރީތިކަމެއްވިޔަސް، އެއީ އަޅުގަނޑުމެންގެ މޮޅުކަމަކުން ނުވަތަ ޙިކުމަތުގެ ސަބަބުން ލިބޭ ނިޢުމަތްތަކެއް ކަމަށް ދުވަހަކުވެސް ހީކޮށްގެން ނުވާނެއެވެ. އެ ނިޢުމަތްތައް ބައެއް ފަހަރު އަންނަނީ އެކްސިޑެންޓެއްގެ ސިފައިގައި ނުވަތަ އިއްތިފާގަކުންނެވެ. ނަމަވެސް މި “އިއްތިފާގަކީ” ﷲ ނިޢުމަތް “ޑެލިވަރ” ކުރައްވާ ގޮތްކަން އަޅުގަނޑުމެން ހަނދާންކުރަން ޖެހެއެވެ.
ކެޕްޓަން ރަޝީދުގެ ދުވަސްވަރު ޢަމަލީ ގޮތުން ނުކުރެވޭނެ ކަމުގައި ބެލެވުނު ހުވަފެން މާތްﷲ ގެ ރަހުމަތްފުޅާއިއެކު ކާމިޔާބުކުރެއްވިއެވެ. އަދި ރިވެތި އަޚުލާގުން ފުރިގެންވާ ނަމޫނާއެއް ދައްކަވަމުން އޭނާގެ ކެރިއަރު ކުރިއަށް ގެންގޮސްފައިވަނީ؛ ކުރިއަށް ދިއުމަށް އެޅުއްވި ކޮންމެ ފިޔަވަޅެއްގައި އަދި އުޅުއްވި ކޮންމެ ތަނެއްގައި އިޙުތިރާމު ހޯދައި، އިޙްތިރާމް ލިބިގެންވާ މީހަކަށް ވެގެންނެވެ. އަޅުގަނޑު ކެޕްޓަން ރަޝީދަށް ސެލިއުޓްކޮށް ސަލާމް ފޮނުވަމެވެ. އެއީ ކެޕްޓަން ރަޝީދުގެ އާއިލާއަށް ޚުދު އަޅުގަނޑުވެސް ނިސްބަތްވާތީ ފަޚުރުވެރިވާ ހާލުގައެވެ.
ނޯޓް: އާރޓިކަލްގައި ބޭނުންކޮށްފައިވާ ޕޮޓޯ ތަކަކީ ދިއައިލެންޑް ޗީފްއާއި، އޭވިއޭޝަންއެމްވީ އަދި އޭވިއޭޓާސް މޯލްޑިވްސްގެ ޕޭޖުތަކުގައި ހިއްސާކުރައްވާފައިވާ ފޮޓޯތަކެކެވެ. އެހެންކަމުން ފޮޓޯގެ ހައްޤު ކްރެޑިޓް އެފަރާތްތަކަށް ދެމެވެ.