ދުނިޔޭގެ މަޝްހޫރު ލިޔުންތެރިޔާ ނަޕޯލިއަން ހިލް ލިޔުއްވާ އަދި 1937 ވަނަ އަހަރު ޝާއިއުކުރެވުނު “ތިންކް އެންޑް ގްރޯ ރިޗް” އަކީ ގިނަބަޔަކު އިއްތިފާޤުވާ ގޮތުގައި އެބައިމީހުންގެ ދިރިއުޅުން ބަދަލުކޮށްލި ފޮތެކެވެ. ދާދިފަހުން އަޅުގަނޑު ރާއްޖެއިން ބޭރަށް ކުރި ދަތުރެއްގައި މިފޮތް ފެނި އަދި ދަތުރުމަތީ ކިޔާލުމަށް ގަތީމެވެ. ފޮތުގެ އަގު ނިސްބަތުން ކުޑަނަމަވެސް ފޮތް ޝައުޤުވެރިކަމާއެކު ކިޔާލުމުން އަމިއްލަ ދިރިއުޅުމަށް ކުރި ރަނގަޅު އަސަރު ޔަޤީނުންވެސް އަގުނުކުރެވެއެވެ.
ނަޕޯލިއަން ހިލްގެ ޙަޔާތުގައި ކުރެއްވި ދިރާސާކުރުންތަކުގެ އަލީގައި ކަށަވަރުކުރެއްވުނީ ހިތާރޫހުން ދިރިއުޅުން ބަދަލުކުރެވޭނެކަމާއި، ޕްރޮކާސްޓިނޭޝަން ނުވަތަ ކުރިއަށް ކުރިއަށް ވެދާނެ ކަންކަމާއިމެދު މާބޮޑަށް ފިކުރުކުރުމަކީ ވަގުތު އިސްރާފުކުރާކަމެއްކަމާއި، ތަފާތު އެކި ޚިޔާލުތައް ހޯދައި، ހުވަފެންދެކެން ޖެހެނީ ހަމައެކަނި ވިޔަފާރިވެރިން ނޫންކަމާއި، މިފަދަ އެތައް ކަމެކެވެ.
“ތިންކް އެންޑް ގްރޯ ރިޗް” މި ފޮތުގައި ދުނިޔޭގައި އެކި ކަންކޮޅުގައި އެދުވަސްވަރު ތިބި ކާމިޔާބު 500 މިލިއަނަރުންގެ ހުރި އެއްގޮތް އާދަތަކާއި އެއާދަތައް ބޭނުންކޮށްގެން ތަފާތު ބޮޑު ކާމިޔާބު ހޯދޭނެ ގޮތްތައް ނަޕޯލިއަން ހިލް ހާމަކޮށްދެއްވައެވެ.
މިފޮތް ކިޔާލައިގެން މިލިއަނަރަކަށް ވާނެކަމަށް ވަޢުދުނުވި ނަމަވެސް އެއްކަމެއް ނަޕޯލިއަން ހިލް ކަށަވަރުކޮށްދެއްވައެވެ. އެއީ ފޮތުން ލިބިދޭ އެންމެ ފިލާވަޅެއްވެސް ދިރިއުޅުމުގައި ބޭނުންކޮށްފިނަމަ ދިރިއުޅުމަށް ބޮޑުބަދަލެއް ޔަޤީނުންވެސް އަންނާނެ ވާހަކައެވެ.
އަޅުގަނޑުގެ މި ލިޔުމުގައި “ތިންކް އެންޑް ގްރޯ ރިޗް” ފޮތުންލިބިދޭ 7 ފިލާވަޅެއް ހިމަނާލެވިފައިވާނެއެވެ.
ދިރިއުޅުމުގެ މަޤްޞަދު ހަނދާންކުރާށެވެ.
އަހަރެންގެ ދިރިއުޅުމުގެ މަޤްސަދަކީ ކޮބާހެއްޔެވެ؟ މި ސުވާލު، ޒުވާނަކަށް ކޮށްފިނަމަ ގިނަފަހަރަށް އެޒުވާނަކަށް ހީވާނީ އެސުވާލު ކުރުން މާ އަވަސްކަމަށެވެ. ނަމަވެސް ހަޤީޤަތަކީ އަހަރެމެން އެންމެންނަށްވެސް އުމުރުގެ ކޮންމެ ހިސާބެއްގައިވެސް މިސުވާލުގެ ޖަވާބު އެނގޭކަމެވެ.
“އަހަރެން އާ ވަޒީފާއެއް ބޭނުމެވެ”، ނުވަތަ
“އަހަރެން ބޭނުންވަނީ މާލީ މިނިވަންކަން”
“އަހަރެން ބޭނުމީ އުމުރުގެ ދުވަސްތައް ދުނިޔެވަށާއި ދަތުރުކުރުމުގައި ހޭދަކުރާށެވެ”
ކޮންމެ ކަމެއް ކުރަން އަމާޒުހިފިޔަސް މަޤްސަދެއް އޮތުން މުހިއްމެވެ. އަދި އަމާޒާއިއެކު އެއާ ގުޅޭ މަޤުސަދު އެއް އެއްމިސްރާބެއްގައި ހުރުމުން ދިރިއުޅުން ފުރިހަމަ ވާނެކަމަށް ހިލް ފާހަގަކުރައްވައެވެ.
މިވަގުތު ތިމާއަށް އެންމެ މުހިއްމު އެއްޗަކާއިމެދު ވިސްނާށެވެ. ތިބާ ހީވާގިކަމާއެކު ތިޔަ މަސައްކަތް ކުރަނީ ކޮން ހުވަފެނެއް ހަޤީޤަތަކަށް ހަދަން ހެއްޔެވެ؟ ދިރިއުޅުމުގެ ތިޔަ ގޯލު ތިބާއަށް އެހާ މުހިންމުވީ ކީއްވެގެން ހެއްޔެވެ؟
ގޯލް ކަނޑައެޅުމާއިއެކު ވިޝުއަލައިޒްކުރާށެވެ.
ތިބާގެ މަޤުޞަދަކީ ކޮބައިކަން ކަށަވަރުވުމުން، ދެން އޮތީ ލަނޑުދަނޑިތައް ނުވަތަ ގޯލުތައް ކަނޑައެޅުމެވެ. ތިބާގެ ފުރަތަމަ ފިޔަވަޅަކީ ކޮބައިކަން ހޯދާބަލާށެވެ. އަދި އެއަށްފަހު ކުރު މުއްދަތުގެ މައިލްސްޓޯންތައް (ހާސިލްކުރެވިދާނެ ގޯލުތައް) އުފައްދާށެވެ.
މި ޕްރޮސެސްއަށް ކިހާ ދުވަހެއް ނަގާނެ ހެއްޔެވެ؟ ދެން މަޤްޞަދު ހާސިލުކުރަން ކުރާ ދަތުރުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގެންގުޅޭނީ ކޮން އުކުޅުތަކެއް ހެއްޔެވެ؟ އަޅަން ޖެހޭނީ ކޮން ފިޔަވަޅުތަކެއް ހެއްޔެވެ؟
ނަޕޯލިއަން ހިލް ހާމަކުރައްވާ ގޮތުގައި ޕްލޭނެއް ނެތި ދުވަހެއްގައިވެސް ކާމިޔާބު ލިބިދާނެކަމަށް އުންމީދު ކުރުމަކީ ވަރަށްވެސް މޮޔަ ވިސްނުމެކެވެ.
ކުރިން މިދެންނެވި މައިލްސްޓޯންތަކަކީ ކޮންމެ އެއްޗަކަށް ވެސް ހެދިދާނެއެވެ. އެއީ ކޮންމެ މަހަކު އިތުރު 1000 ރުފިޔާ ރައްކާކުރުން ނުވަތަ ދެން އޮންނަ އިމްތިހާނަކުން ރަނގަޅު ގްރޭޑެއް ހޯދުން ކަމުގައިވެސް ވެދާނެއެވެ. މައިގަނޑު ފިލާވަޅަކީ، މަޤުސަދު ހާސިލުކުރަން ކުރަންޖެހޭ މަސައްކަތް ކުދިކޮށްލައި ބައިވަރު ކުދި ފިޔަވަހިތަކަކަށް ބަހާލުމެވެ. އަދި ކުދި ގޯލުތަކަށް ވާސިލްވުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާށެވެ.
މީގެ ކުރިން އަޑުއަހާފައިއޮވެދާނެއެވެ. “ހުވަފެނުގައި ކަމެއް ދެކޭނަމަ އެކަން ކުރެވޭނެއެވެ.” އެކަމަކު ހަޤީޤަތުގައި މިކަން ގަބޫލު ކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ އުމުރުން މަތިވަމުން ދާއިރު ސްޓްރެސް (ކަންބޮޑުވުމާއި، ނުތަނަވަސްކަން) އިތުރު ވަމުން ވަމުން އަންނަ ވަރަކަށް ހުވަފެންތައް ފަނޑުވެގެން ދިއުމަކީ ފަސޭހަ ކަމެކެވެ. އެ މީހުންގެ ތެރެއިން މީހަކަށް ތިބާ ނުވާށެވެ. ކަމެއް އިންތިހާއަށް ކުރަން ބޭނުންނަމަ އޮތީ އެންމެ ގޮތެކެވެ. ގޯލުތަކެއް ކަނޑައަޅައި އެކަމުގެ ފަހަތުން ބާރަށް ދުވުމެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން ހުވަފެނަކާއި ގޯލެއްގެ ތަފާތަކީ ހުވަފެންތަކަކީ ޙަރަކާތްތެރި ނުވާ އެއްޗެއް ކަމުގައި ވިޔަސް، ގޯލު ނުވަތަ ލަނޑުދަނޑިތަކުގައި އެކަމެއް ޙާސިލުކުރަން ފިޔަވަޅުތަކެއް މިން ކުރެވިފައިހުރެއެވެ. ނަޕޯލިއަން ހިލްގެ ދިރާސާއިން އެނގުނު ގޮތުގައި މި ގޯލުތައް ހާސިލުކުރުމުގެ ތަޅުދަނޑިއަކީ ވިޝުއަލައިޒޭޝަން ނުވަތަ ތަސައްވަރުކުރުމެވެ.
ދާން މަސައްކަތް ކުރާ މަންޒިލް ތަސައްވަރުކޮށްލުން ނުވަތަ އިމޭޖިން ކޮށްލުމުން ދަތި އުނދަގޫ ވަގުތުގައި ދިމާވާ ނުތަނަސްވަކަމުން ދުރުވެ އިތުރު ހިތްވަރެއް ލިއްބައިދޭނެކަމެކެވެ. ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަމިއްލައަށް އިމޭޖިންގ ކުރުމަކީ ދިމާވާ އުނދަގޫ ވަގުތުތަކުގައި އެހީތެރިވެދޭ ކަމެކެވެ.ކޮންމެ ލަނޑުދަނޑިއެއް ނުވަތަ ދިރިއުޅުމުގެ ގޯލެއް އިޚްތިޔާރުކުރިއަސް ކާމިޔާބުގެ މަންޒަރު ވިޝުއަލައިޒް ކުރުން އެއީ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ހިލް ފާހަގަކުރައްވާފައިވެއެވެ.
ކާމިޔާބު ވާންދެން ކުރިއަށްދާށެވެ.
މޮޅު ކަންތައްތައް ހާސިލުކުރާ ގިނަމީހުން އެމީހުންގެ ހަޔާތުގައި ކަމެއް ހާސިލުކުރުމަށް ބޮޑެތި ޤުރުބާނީތައް ވެފައިވެއެވެ. ތިބާގެ ދިރިއުޅުމުގައިވެސް މިކަން ކުރަންޖެހެއެވެ. ކަމެއް ހާސިލުކުރަން ނިހާޔަތަށް ބޭނުންނަމަ، އަމިއްލަ މަސައްކަތު ތާވަލު ނުވަތަ ޝެޑިއުލަށް ބަލާލާ ކޮންމެ ދުވަހަކު ނުވަތަ ހަފްތާއަކު މިކަން ހާސިލުކުރަން ހުސްކުރަންޖެހޭ ވަގުތު ކަނޑައަޅާށެވެ. އަދި ރިއަލިސްޓިކަލީ ކުރެވޭނެ ކަންކަމާމެދު އަމިއްލަ ނަފްސަށް ތެދުވެރިވާށެވެ.
ތިބާގެ ހަޔާތުގައިވެސް ގިނަ ވާޖިބުތަކާއި ދިރިއުޅުމުގެ މަސްއޫލިއްޔަތުތައް ހުންނާނެއެވެ. އެހެންނަމަވެސް ކުރަން އުޅޭ ކަމަކީ ތިބާއަށް ހަޤީގަތުގައިވެސް މުހިއްމު ކަމެއްނަމަ ތިބާގެ އަމާޒު ހާސިލުކުރުމަށް ހޭދަކުރަންޖެހޭ ވަގުތު ކަނޑައަޅާނެއެވެ. މުހިއްމު މަސައްކަތްތަކާއި އަދި ވަރަށް ހައްސާސް މަސައްކަތްތަކާއި ހުރި ތަފާތު ދެނެގަނެ ތިމާގެ ވަގުތު، އެވަގުތަކަށް ކޮންމެހެން މުހިއްމު ނޫން ކަންކަމަށް ނުދިނުން ވަރަށް މުހިއްމެވެ.
ހުވަފެން ދެކި، އަމާޒު ކަނޑައެޅި ލަނޑުލަނޑިތައް ހާސިލުކުރަން މަސައްކަތް ކުރާއިރު ވަގުތުން ނަތީޖާ ނުފެނިދާނެ ހިނދުކޮޅު ފެނުންވެސް އެކަށީގެންވެއެވެ. ނަޕޯލިއަން ހިލް ހާމަކުރައްވާގޮތުގައި މީ ކާމިޔާބު މީހުންނަށް އަބަދުވެސް ދިމާވާ ކަމެކެވެ.
ނަޕޯލިއަން ހިލް ގެ ނަސޭހަތުގައި ވަނީ މިފަދައިންނެވެ. އަބަދުވެސް ކަންތައްތަކުން ފިލާވަޅު ދަސްކުރަން ހަނދާން ކުރާށެވެ. އަދި ލިބޭ ނާކާމިޔާބަކުން ތިމާގެ މުސްތަޤްބަލު ނުތަނަވަސް ކޮށްނުލާށެވެ. ކާމިޔާބު އެންމެންވެސް އެތައް ފަހަރަކު ފަހަރު ނާކާމިޔާބު ވެއެވެ. މުހިންމީ ކަންތައްތައް އަހަރެމެންގެ މަގަށް ނުދިއުމުން ނުވަތަ އަހަރެމެން ހީކުރި ގޮތަށް ނުނިމުމުން އަހަރެމެން އެއަށް ކުރިމަތިލާ އަދި ޖަވާބުދާރީވާ ގޮތެވެ. ފަހަރުގައި ދިޔަ މަދުމަތީ ގޯސްވެސް ހެދިފައި ހުރެދާނެއެވެ. އަދި އެހެން މަގަކުން ދިޔަނަމަ ކާމިޔާބުވެސް ވެދާފަހަރު ގޮސްދާނެއެވެ. އެހެނަސް އަހަރެމެންނަށް މާޒީ ބަދަލުނުކުރެވޭނެއެވެ. މިކަމަށް އޮތް އެންމެ މޮޅު އުކުޅަކީ ފަސްނުބަލައި ކުރިއަށް ބެހެއްޓުމެވެ.
އަމިއްލަ ނަފްސު އެހެން މީހުންނާ އަޅާނުކިޔާށެވެ.
އެހެން މީހުންނާއި އަޅާ ކިއުމަކީ އަމިއްލަ ނަފްސަށް ހަޤީޤަތުގައި ދެވޭ އެންމެ ބޮޑު އެއްއަނިޔާއެވެ. އަހަރެމެން އެންމެން ހަނދާނުގައި ބަހައްޓަންވީ އަނެކާ އޭނާގެ ދިރިއުޅުމުގައި ކުރިމަތިލާން ޖެހޭ ކަންތައްތަކެއް އަހަރެމެންނަށް ނޭނގިދާނެކަމެވެ.
އަމިއްލަ ނަފްސު އެހެން މީހުންނާ އަޅާނުކިޔާށެވެ. ކޮންމެ މީހެއްގެ ބެކްގްރައުންޑާއި، ދިރިއުޅުމާއި، އެމީހަކު މަސައްކަތް ކުރަމުންދާ ލަނޑުދަނޑިތައް ހާސްބައި ތަފާތުވެދާނެއެވެ. ކޮންމެ މީހެއްގެ ދިރިއުޅުމުގައި ހިނގާ ކަންތައްތައް ތިބާގެ ދިރިއުޅުމާއި ހާސްބައި ތަފާތުވެދާނެއެވެ. އެހެން މީހެއްގެ އަތުގައި ރީތި ކާރެއް އޮތުމުން ނުވަތަ ތިމާއަށް ވުރެ ގިނަ ކާމިޔާބު ހާސިލުކޮށްފައިވާތީ އެމީހެއްގެ ދިރިއުޅުން ތިމާއަށް ވުރެ ރަނގަޅުވާން ޖެހޭނެ ކަމަށް ދެކުމީ ކޮށި ވިސްނުމެކެވެ.
ނަޕޯލިއަން ހިލްގެ ނަސޭހަތުގައިވެއެވެ. “ނަސީބު ދެރަ މީހުންގެ މަތިން ހަނދާން ނައްތާނުލާށެވެ. އަބަދުވެސް ތިބާއަށްވުރެ ގިނަ ގޮންޖެހުންތަކާއި އަދި ހިތްދަތި ކަންތައްތަކާއި ކުރިމަތިލާން ޖެހޭ މީހަކު ހުރެދާނެކަން ދަންނާށެވެ.”
ތިމާގެ އަމަލުތަކުގެ ޒިންމާ ތިމާ ނަގާށެވެ.
ނަޕޯލިއަން ހިލް ކިޔާދެއްވާގޮތުގައި، އަހަރެމެން އަބަދުވެސް ތިބެންވާނީ އަހަރެމެންގެ ފުށުން ހެދޭ ގޯސްތަކުގެ ޒިންމާ ނަގަން ތައްޔާރަށެވެ. އަދި ކަމެއް ކަތިކޮށް ދިއުމުން އެހެން މީހުންނަށް އިނގިލި ދިއްކުރުމަކީ ހެދޭ އެންމެ ބޮޑު ގޯހެވެ.
ހަޤީޤަތަކީ އަމިއްލައަށް ހެދޭ ގޯހެއްގެ ޒިންމާ އަމިއްލައަށް ނެގުމަކީ ފަސޭހަކަމެއް ނޫނެވެ. ޚާއްސަކޮށް އެ ގޯހުން ކުރިމަތިވާ ގެއްލުން ބޮޑުނަމައެވެ.
މޮޅު ލިޔުންތެރިޔާ ޖޯން ސީ މެކްސްވެލް ވިދާޅުވެފައިވެއެވެ. ” އެމީހުންގެ ނާކާމިޔާބީތަކުގެ ޒިންމާ އެހެން މީހުންގެ ބޮލުގައި އަޅުވާ މީހުން ދުވަހަކުވެސް އެކަންކަމުން އަރައިނުގަނެވޭނެއެވެ. އެމީހުންގެ ކަމަކީ މައްސަލައަކުން މައްސަލައަކަށް ބަދަލުވެލާ ތިބުމެވެ. ތިމާއަށް ދެވޭ އެންމެ ދުރަކަށް ވާސިލްވުމަށްޓަކައި ތިމާގެ އަމިއްލަ ނަފްސު މެދުނުކެނޑި ރަނގަޅު ކުރަން ޖެހޭނެއެވެ. ތިމާގެ އަމަލުތަކުގެ ޒިންމާ ނުނަގާ، ތިމާގެ ގޯސްތަކުން ދަސް ނުކޮށްފިނަމަ ދާން ބޭނުންވާ މަންޒިލަށް ދިއުންވާނީ ނުހަނު އުނދަގޫ ކަމަކަށެވެ”.
ބައެއް ފަހަރު ގޯސް ކަންތައްތައް ދިމާވެއެވެ. އެހެންނަމަވެސް ހެދޭ ބޮޑު ގޯހަކުން ދިރިއުޅުމުގެ މުހިއްމު ފިލާވަޅެއް ދަސްވެއްޖެނަމަ ހަގީޤަތުގައި އެއީ “ގޯހެއް” ނޫނެވެ. ވިސްނަންވީ ކަމަކީ ހެދޭ ގޯސް ޤަބޫލުކޮށް އިބްރަތް ހާސިލުކުރުމެވެ. އެހެނަސް ގޯހަށް އިއުތިރާފް ވުމަކީ އަމިއްލަ ނަފްސަށް ގެއްލުންދީ ނަފްސު އަބަދަށް ތަޅުލުމެއްވެސް ނޫނެވެ.
ހަނދާނުގައި ބަހައްޓާށެވެ. ބައެއް ފަހަރު ކާމިޔާބީ ލިބެނީ އެންމެ އުންމީދު ނުކޮށް ހުންނަ ދަނޑިވަޅުގައެވެ.
އުފާވެރިކަން ފައިސާއާއި މަގާމަށް ބަރޯސާނުކުރާށެވެ.
ދިރިއުޅުމުގެ އުފާވެރިކަން ހޯދުމަށްޓަކައި ގިނަ ފައިސާއާއި މަތީ މަޤާމު ނުވަތަ މަޝްހޫރުކަން ބޭނުން ނުވާކަން ހަނދާނުގައި ބެހެއްޓުން މުހިންމެވެ. އަސްލު ހަގީގީ އުފާވެރިކަމަކީ އިންސާނާގެ އެތެރޭގެ ހަމަޖެހުމެވެ. ހިތުގެ ހަމަޖެހުމެވެ.
ފައިސާއިން ތިބާއަށް މާއްދީ އަރާމުތަކެއް ލިބިދާނެއެވެ. އެހެންނަމަވެސް އެއީ ދިގުދެމިގެންދާ އުފަލެއް ލިބޭނެ ކަމެއް ނޫނެވެ.
ނަޕޯލިއަން ހިލް ފާހަގަކުރައްވާގޮތުގައި ދުނިޔޭގައި އެތަކެއް ހާސް މާއްދީ މުއްސަނދިކަން ލިބިފާއިވާ މީހުން އުޅޭއިރު އޭގެ ތެރެއިން ގިނަ މީހުންގެ ދިރިއުޅުން އުފާވެރި ނޫންކަން އެނގެއެވެ. ހަގީގީ މުއްސަނދިވުމަކީ ހަމައެކަނި ގިނަ ފައިސާތަކެއް ހުރުމަށްވުރެ އެތައް ގޮތަކުން ފުދިގެންވުމެވެ. އެއީ ތިމާގެ ދިރިއުޅުމަށް ލިބިހުރި ނިއުމަތަކަށް ރުހި ޤަބޫލުވެ ހުރި އެއްޗަކާއިމެދު ފުދި ހިތްހަމަޖެހިގެން ހުރުމެވެ.
ކާމިޔާބީ ލިބެނީ އެހެން މީހުންނަށް އެހީތެރިވުމުންނެވެ.
ނަޕޯލިއަން ހިލްގެ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި ކާމިޔާބު ހޯދަން ބޭނުންނަމަ އެހެން މީހުންނަށް އެހީތެރިވެދީ އުފާކޮށްދިނުން ވަރަށްވެސް މުހިއްމެވެ. ސަބަބަކީ އެހެންމީހުންނަށް ހިނިތުންވެލާ އެހީތެރިވުމުގައި އިސްނަގާ ހަދާނަމަ ގުދުރަތީ ގޮތުން ތިމާ ވެސް އިސާހިތަކު ކާމިޔާބާއި ބައްދަލުކުރާނެކަމެވެ.
ބަދަލުގައި އެއްވެސް ކަމަކަށް އުންމީދު ނުކޮށް އެހެން މީހުންނަށް އެހީތެރިވެދިނުމުން، ގިނަފަހަރަށް އޭގެ ބަދަލު ރަނގަޅުގޮތުގައި އެބަޔަކަށް ލިބޭކަމީ ދުނިޔެ ދެކޭ ހަޤީޤަތެކެވެ. މީހުންނަށް ކަމެއް ކޮށްދޭއިރު ހެޔޮނިޔަތެއްގައި އެކަން ކޮށްދިނުން ލާޒިމެވެ. ތިބާގެ ކިބައިގައި ހުރި އިލްމެއް އަނެކާއަށް ވެސް ފަސްނުޖެހި ކިޔައިދޭށެވެ. އެނގިފައި ހުރި އެއްޗެއް އެހެން މީހުންނަށްވެސް ކިޔައިދިނުމުން ހަގީގަތުގައި ކުރިއަރަނީ ތިބާއެވެ.
“ލޯ އޮފް އެޓްރެކްޝަން” ގައި ބުނެފައިވަނީ “އެއްޗެއް ލިބޭނީ ދޭ މީހާއަށެވެ”. އެހެންކަމުން އަހަރެމެން ކާމިޔާބު ހޯދަން ބޭނުންނަމަ އެހެން މީހުންނަށް އިޚްލާސްތެރިކަމާއިއެކު އެހީތެރިވުމަށް ސަމާލުކަން ދިނުމީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އިސްވެ ބަޔާންކުރެވުނު ފިލާވަޅުތަކުގެ އަލީގައި އެނގެނީ ދިރިއުޅުމުގައި ކާމިޔާބު ހޯދަން ބޭނުނަމަ މަޤުސަދު ކަނޑައެޅުމާއި، ގޯލް މިންކުރެވިފައި ހުރުމުގެ މުހިއްމުކަމެވެ. އަދި ކޮންމެ ދުވަހަކުވެސް ގޯލު ވިޝުއަލައިޒް ކުރުމާއި ފަސްނުޖެހި އެއްވާނެއްގައި ހުރުމުގެ ފައިދާބޮޑުކަމުގައެވެ. މީގެއިތުރުން އަމިއްލަ ނަފްސު އެހެން މީހުންނާއި އަޅާނުކިއުމާއި، ތިމާގެ އަމަލުތަކުގެ ޒިންމާ ތިމާ ނެގުމަށް ނަޕޯލިއަން ހިލް ނަސޭތުގައިވެއެވެ. އަދި ކާމިޔާބު ހޯދަން އެދޭމީހާ ފައިސާ އަދި މަގާމުތަކަށް އުފާވެރިކަން ބަރޯސާނުކުރުމަށާއި އަބަދުވެސް އެހެންމީހުންނަށް އެހީތެރިވުމުގައި އިސްނަގާ މީހަކަށް ވުމަށް ނަޕޯލިއަން ހިލް ގެ “ތިންކް އެންޑް ގްރޯ ރިޗް” އިން ބާރުއަޅައެވެ.