ލޯތްބާއި، ޚިދުމަތްތެރިކަމާއި، ލީޑަރޝިޕްގެ އާދަޔާޚިލާފު މިސާލެކެވެ. ކާފަ، މާމަ، ދަރިން ތަރުބިއްޔަތު ކުރުމުގައި މަދުން ނޫނީ ނުފެންނަ އަގު ނުކުރެވޭ ޖަވާހިރެކެވެ. މި ދެމަފިރީންގެ ނަން ދުނިޔޭގެ ވާހަކަތަކުގައި އެހާ މަޝްހޫރު އަދި ނުވެދާނެއެވެ. އެހެންނަމަވެސް ޝަރުތެއްނެތް ލޯތްބާއި، ފަސްނުޖެހޭ ވަފާތެރިކަމާއެކީ މި ފަނާ ކުރަނިވި ދުނިޔޭގެ ހަޔާތް ވޭތިކުރަމުން އެދަނީ މުޅި އިންސާނީ ނަސްލަށް ނަމޫނާ ދައްކަމުންނެވެ. އާދެ. މިއީ، މ.މުލައް، ރިވެލި އަބްދުﷲ ނަސީރު އަދި އޭނާގެ އަންހެނުން މ.މުލައް ރައުފިއްޔާ އިބްރާހިމް އެވެ.
މި އާދަޔާޚިލާފު ދެމަފިރީންގެ ވާހަކަ ފެށެނީ އެމީހުންގެ ދަރީންނާއި، ކަފާ، މާމަ ދަރިންނާއި ހަމައިންނެވެ. ހަތްދަރީން ނުހަނު ރަނގަޅު ތަރުބިއްޔަތެއްގެ މަތީގައި އާއިލާތައް ބިނާކުރަމުން ދާދިއުމުގައި އެންމެ ބޮޑު ޝުކުރެއް ހައްގުވާ އެއްބަޔަކީ އަބްދުﷲ ނަސީރާއި، ރައުފިއްޔާއެވެ. މިއިން އެއްވެސް ކުއްޖަކަށް ބޮޑު ކަމެއް މިއަދު ދިމާވިއަސް އެންމެ ކައިރީގައި އަދިވެސް ބައްޕަ އަބްދުﷲ ނަސީރާއި، މަންމަ ރައުފިއްޔާ ހުރެއެވެ. މީގައި އެންމެ ފާހަގަކޮށްލެވެނީ، ދެމަފިރީންވެސް އެމީހުންގެ ދަރީންގެ ކަންކަމުގައި ހިއްސާވެ ބައިވެރިވަނީވެސް އެކުގައި އެއްވަރަކަށްކަމެވެ. ދަރިއެއްގެ ކަމެއްގައި ރާއްޖެތެރެއަށް އަދި ރާއްޖޭން ބޭރަށް ދަތުރުކުރަން ޖެހުނުކަމުގައިވިޔަސް ދާނީ ދެމަފިރީން އެކުގައެވެ.
އެކުގައި ހިނގާލަން ދާދިއުމެވެ. ގޭތެރޭގެ މަސައްކަތުގައި އެކުގައި ހިއްސާވާ ވުމެވެ. އަވައްޓެރީންގެ ކަންކަމުގާއި އިޖްތިމާއީ ކޮންމެ ގޮވާލުމެއްގައި އަބްދުﷲ ނަސީރާއި ރައުފިއްޔާގެ ހީވާގި ބައިވެރިވުން ނޯވެނުދާނެއެވެ. ޒިންމާތައް ގުޅިގެން އަދާކުރާކުރުމާއި، އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި ދޭ ވަގުތު ވެގެން ދިޔައީ މުޅި ރިވެލި އާއިލާގެ ފަނޑުނުވި ދަންމަރަށެވެ. ދަރިންނާއި ދަރިންގެ ދަރީންނަށް ދަސްކޮށްދިން ވަރަށްވެސް ރީތި މިސާލަކަށެވެ. މިސަބަބުތަކާއި ހެދި ދަރީންގެ މެދުގައި އަބްދުﷲ ނަސީރާއި ރައުފިއްޔާއަށް ދެވިފައިވަނީ ނުހަނު ބޮޑު ޤަދަރެކެވެ.
ދެމަފިރީންގެ އެންމެ ތަފާތު އެއްކަމަކީ ގޭތެރޭގައި ބަދަލެއްނުވެ އެ ގެންގުޅޭ ރީތި އާދަތަކެވެ. ގޭތެރޭގެ ކެއުމުގެ މަޖިލިސްތަކުގައި ނަމަ ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރުމަށް އެހުންނަ ޝައުޤުވެރިކަމެވެ. ފާއިތުވެ ދިޔަ 40 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް ކޮންމެދުވަހެއްގެ ވެސް ދުވަހުގެ ނާސްތާ އަބްދުﷲ ނަސީރާއި ރައުފިއްޔާ ނަގަނީ ދަރީންނާއި، ކާފަ އަދި މާމަދަރީންނާއި އެކުގައެވެ. ރަޙްމަތްތެރިއެއް ނުވަތަ މެހެމާނެއް ގޭގައި ހުރެއްޖެނަމަ ދެމަފިރީންގެ އުޖާލާކަން ދެގުނަ ވެގެންދެއެވެ. މަންމަ އާއި ބައްޕަގެ މި އެއްބައިވަންތަކަމުގެ ރޫހަށް އިޙްތިރާމްކޮށް މި ރީތި ސަގާފަތުގެ މަތީގައި އެމީހުންގެ ދަރީންވެސް ދެމިތިބޭކަން އުފަލާއެކު ފާހަގަކުރަމެވެ.
އަބްދުﷲ ނަސީރާއި ރައުފިއްޔާގެ ތަފާތު އެންމެ ބޮޑަށް ފެނިގެންދަނީ ކާފަ އަދި މާމަގެ ރޯލުންނެވެ. ކުދީން އަހަރީ ޗުއްޓީއަށް ރަށަށް އަންނަ ކޮންމެ ފަހަރެއްގައި ދެމަފިރީންނަށް ބުނެދޭން ނޭނގޭ ކަހަލަ އުފަލެއް ލިބެއެވެ. ދެމީހުންގެ މޫނުމަތީގައި އަބަދުވެސް އެ ހުންނަ ސާފު ހިނިތުންވުން އިތުރަށް ވިދާ ބަބުޅައެވެ. ގޭތެރޭގައި އިތުރު ދިރުމެއް އުފެދިގެންދެއެވެ. ކޮންމެ ރެއެއްގެ ނިދުމުގެ ކުރިން ކިޔާދޭ ބެޑް ޓައިމް ސްޓޯރީސް މި ދުވަސްވަރު ކޮންމެ ރެއަކުމެ ކިޔައިދޭނީ ގޭގެ ސިޓިންގރޫމްއިން ކާފަގެ އަޑުންނެވެ. ނިދާތަން ހަމަޖައްސާފައި އޮންނަނީ ކާފައާއި ހުރިހާ ކުދިންވެސް އެކުގައި ސިޓިންގރޫމްގައެވެ. މިމަންޒަރު ސިފަކޮށްލުމުންވެސް އަޅުގަނޑުގެ ހިތަށް ފިނިކަންލިބެއެވެ.
މީގެ އިތުރުން އަބްދުﷲ ނަސީރާއި ރައުފިއްޔާއަކީ ކާފަ މާމަ ނެތް އެތަކެއް އެހެން ކުދީންގެވެސް، ކާފަ މާމައެވެ. އެފަދަ ކުދީން ގެއަށް ގެނެސް އަމިއްލަ ދަރީން ފަދައިން އަޅާލުންދީ އެތައް ވަގުތެއް ހޭދަކުރެއެވެ. ދެމަފިރީންގެ ހިތުގެ ފުންމިނުން ލޯބިދީ މިފަދަ ކުދީންނަށް ކާފަ މާމަ ނެތް ކަމުގެ އިޙްސާސްވެސް ވިޔަ ނުދޭކަހަލައެވެ.
އުމުރުން ދުވަސްވީ ވަރަކަށް އަބްދުﷲ ނަސީރާއި ރައުފިއްޔާގެ ގުޅުން އިތުރަށް ބަދަހިވެ ވަރުގަދަ ވަމުން އަންނަކަމުގެ ސާފު ދަލީލަކީ ދެމަފިރީން އެކުގައި ލީޑްކޮށް ރާވާ އާއިލީ ދަތުރުތަކެވެ. ދެމީހުންގެ ހުޝިޔާރު ލީޑަރޝިޕް ހުނަރުތައް ޒުވާނުންނަށް ދޫނުދީ ދެގޮތެއް ނުވެ މިއަދުވެސް ދެމިއެބަހުއްޓެވެ. މިސަބަބުތަކާއިހުރެ އެމީހުންގެ ދަރީންނަށް ބައްޕަ އަދި މަންމަ ހުރުމުން އެމީހުންގެ ކޮންމެ ކަންބޮޑުވުމެއް ވަގުތުން ފިލައިދެއެވެ. އާންމުގޮތެއްގައި ރަށުން ބޭރަށް ދާ ދަތުރުތަކާއި ޕިކްނިކް ދަތުރުތަކުގައި ދިމާވާ ކުދިކުދި “ޓެކްނިކަލް” މައްސަލަތައްވެސް އަބްދުﷲ ނަސީރާއި ރައުފިއްޔާ ހުރުމުން ވަރަށްވެސް މަދެވެ.
ނޫހެއްގެ ފަލަސުރުޚީ އަކުން އަބްދުﷲ ނަސީރާއި ރައުފިއްޔާ އިބްރާހީމްގެ ނަން ފަހަރުގައި އަދި ނުފެނިދާނެއެވެ. އަދި މި ދެމަފިރީން ތައުރީފަކަށް ނުވަތަ ބަދަލަކަށް ވެސް ނޭދެއެވެ. އެހެނަސް މިސާލުން ފުރިގެންވާ މިދިރިއުޅުމުން ބުނެދެނީ ޝަރުތެއް ނެތް ލޯތްބާއި، ވަފާތެރިކަމާއި، އެކަކު އަނެކަކަށް ކުރާ އިންތިހާ ދަރަޖައިގެ އިޙްތިރާމްއެވެ. ދަރީންނާއި ދަރީންގެ ދަރީންދެކެ އެވާ އާދަޔާޚިލާފު ލޯތްބެވެ. ކާފަ މާމަ ނެތް ކުދީންނަށް އެބަހައްޓާ އިންސާނީ ކުލުނާއި އޯގާތެރިކަމެވެ. ދެމީހުން އެކުގައި ވޭތިކުރާ މި ދިރިއުޅުމަކީ އިންސާނީ ނަސްލަށް އޮތް ސާފު އިބްރަތެއްކަން ގައިމެވެ. އުންމީދަކީ މިފަދަ ކާފަ އަކާއި މާމައެއް ކޮންމެ އާއިލާއަކަށްވެސް ލިބުމެވެ.
އުފަންދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަބްދުﷲ ނަސީރާއި، ރައުފިއްޔާ އިބްރާހިމަށް ފޮނުވަމެވެ.